ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

385041_5fd57651-6_

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފައިވަނީ އިއްޔެ އެވެ. އަދި އިއްޔެ ހަވީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުވަނީ ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވައި ޗައިނާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލުން  ފާހަގަކުރައްވާފަ އެވެ. ރައީސް މުއިއްޒު ވަނީ ހިނގަމުންދާ މަޝްރޫއުތަކާއި ދެޤައުމުގެ މެދުގައި އެއްބަސްވެވިފައިވާ ތަރައްޤީގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުތައްކަމަށާއި، އެ މަޝްރޫއުތަކަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައިވެ އެވެ.

މީގެއިތުރުން ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވައި އިޤްތިސާދު ސިންދަފާތުކުރުންކަމަށާއި، އެހެންކަމުން މިދާއިރާތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މީގެއިތުރުން ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ރާއްޖެ-ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމުގައިވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *