ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ޝިފްޒާ މުސްތަފާ ކަޓުވާލުމަށްފަހު ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި އާމިނަތު ސަރާހަތު އިއްޔަތު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޮޑްކޮމްގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމަށް ވޯޓަށް އަހާފައިވެ އެވެ.
ބްރޮޑްކޮމްއަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ، އާމިނަތު ސަރާހަތު އިއްޒަތު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. އާމިނަތު ސަރާހަތު އިއްޒަތަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި މުހައްމާގެ ނަމަށް ވޯޓަށް އެހުމުން ފެންނަކަމަށް 58 މެންބަރުން އަދި ނުފެންނަ ކަމަށް 2 މެންބަރުން ވޯޓު ދެއްވި އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީީން އިންޓަވިއުކޮށް މާކްސް ދީފައިވާއިރު 75% އިން މަތިން މާކްސް ހޯދާފައިވާ ފަރާތްތައް:
- އާމިނަތު ސަރާހަތު އިއްޒަތު – 89%
- ޝިފްޒާ މުސްތަފާ – 84%
- މުހައްމަދު އަބްދުﷲ (މުހައްމާ) – 79%
- ޝިމްލާ އަހުމަދު – 77%
އެންމެ މަތިން މާކްސް ހޯދި ތަރުތީބުގެ ދެވަނައިގައި އޮތް ޝިފްޒާ ކަޓުވާލުމަށްފަހު މުހައްމާ ބްރޮޑްކޮމްއަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރިއިރު، ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓުގެ ދެވަނައިގައި އޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހީމް މުއާޒު (ޓީވީ މުއާ) އަށް އިންޓަވިއުގައި ލިބުނީ 68% އެވެ.