މިއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އައިޑެންޓިޓީ ތެފްޓް: މީކާއިލް

q18HDGtvvapqvUmHXcdB2RE5SymNyYmd02OdKTOH

ޕީއެންސީއަށް ހުށަހެޅި ފޯމުތަކުގައި ވަގަށް މީހުން ވައްދާފައިވާ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އައިޑެންޓިޓީ ތެފްޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރާ ގޮތަކީ ވަގަށް ފޯމު ފުރައިގެން މެންބަރުން އިތުރުކުރުން ނޫން ކަމަށެވެ. އަދި ޕީއެންސީއަށް މީހުން ވެއްދުމަށް އެގޮތަށް ފޯމު ފުރާ ހުށަހަޅާފައިވަނީ ޕީއެންސީގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

މީކާއިލް ތުހުމަތު ކުރެއްވީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މައުލޫމާތު ނެގީ ޑީއެންއާރްގެ ޑޭޓާބޭސްއިން ކަމަށެވެ. އަދި އެކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އުޅުއްވިކަން ހާމަވާކަމަށްވެސް ވިދާޅުވި އެވެ.

މިހާ ލަދުވެތިކަމެއް ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް ހިނގިކަމެއް ނޭންގޭކަމަށް މީކާއިލް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، [މިއީ] ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް ހިނގި އެންމެ ބޮޑު އައިޑެންޓިޓީ ތެފްޓް." މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ޑީއެންއާރްގެ އެތެރޭގައި މިނިސްޓަރު އިހުސާން ސުޕަވައިޒްކުރައްވައިގެން ފޯމުތައް ފުރުމުގެ ކަންކަން ކުރިއަށްދިޔަތަން ކަމަށެވެ. މީކާއިލް ވާހަކަ ދައްކަވަމުންދިޔައިރު ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގައި މީކާއިލްގެ ވާހަކަތަކަށް ރައްދު ދިނުމަށް މަސައްކަތް ކޮށްފަ އެވެ.

ވަގު ފޯމުގެ މައްސަލައިގައި އިހުސާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަނީ އިހުސާން މަގާމުން އެކަހެރިކޮށް ވަގު ފޯމުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. އަދި އެމްޑީޕީން ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްވެސް ނިންމާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *