ދުންފަތުގެ އަގުބޮޑުކޮށް ބަދަލުތައް ގެނައީ ވަކި ބަޔަކަށް ފައިދާއެއް ހޯއްދައިދޭން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވ،ީ ބަލި ޖެހުމުގެ ކުރިން ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުން ސަލާމަތް ކުރުމަކީ ރިޔާސީ ކެމްޕޭންގެ ތެރޭގައިވެސް ފާހަގަކުރި އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
އެންމެ ބޮޑެތި މައްސަލަތައް ދިމާވަނީ ދުންފަތުގެ އިސްތިއުމާލު ކޮށްގެންކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކަމުން ދުރަށް ދިޔުމަށް ބާރުއެޅުމުގެ ގޮތުން ދުންފަތުގެ ބާވަތްތަކުގެ އަގު މައްޗަށް ޖެއްސީ ކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުން މިކަމުން ސަލާމަތްވެ ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ގައުމުގައި ގާއިމްވެގެންދިއުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވޭޕު މަނާކޮށް ސިނގިރޭޓުގެ އަގުބޮޑުކުރީ ވަކިބަޔަކަށް ފައިދާއެއް ހޯދައިދިނުމަށް ނޫން ކަމަށެވެ. އަދި އެކަމުން އާމްދަނީ އިތުރުކުރަންވެސް ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދުންފަތުގެ ބާވަތްތައް އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސްއަށް ބަރޯސާވެގެން ދައުލަތުގެ އާމްދަނީ ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި މިހާރު ކަލްކިއުލޭޓް ނުކުރާނެ ކަމަށެވެ.
ރަށު ރޫޙުގައި ރައްޔިތުން ތެދުވެ، އެ ރަށަކީ ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށް މަސައްކަތް ކުރުމަށްވެސް ރައީސް މުއިއްޒު ވަނީ ހިތްވަރުދެއްވާފަ އެވެ.