ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައި ގެ އެހީތެރިކަން ހޯދަނީ

ޒަކިއްޔާ މަރުވެފައި އޮށްވާ ފެނުނުތަން-

ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބިއައި އާއި ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. 

މީގެއިތުރުން ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުންފާޅުކުރެ އެވެ. ޒަކިއްޔާ މަރުވެފައި އޮށްވާ ފެނިފައިވަނީ އަމިއްލަ ގޭގަ އެވެ. އޭނާގެ ހަށިގަނޑު ކައިރިން ވަޅިއެއް ފެނުނުއިރު އެވަޅީގައި ލޭ ހުރިކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ދެފަރާތުގައި ތޫނު އެއްޗަކުން ލިބިފައިވާ ގިނަ ޒަޚަމްތަކެއް ފެންނަން ހުއްޓެވެ. އެގޮތުން ކަރުގެ ވާތްފަޅީގައި ފުން ތިން ޒަޚަމް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމްގެ އިތުރުން ކަރުގެ މެދާ ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ހުރިކަން ފާހަގަކުރެވުނެވެ. ނަމަވެސް ހަށިގަނޑުގެ އެހެން އެއްވެސް ތަނަކަށް އެފަދަ އަނިޔާއެއް ލިބިފައި ނުވާކަމަށް ސާމިހް ވިދާޅުވިއެވެ. ފުލުހުން ބުނެފައިވަނީ ސީނުން ފެނުނު ވަޅީގައި ގިނަ އަދަދަކަށް ލޭ ހުރިކަމަށެވެ.  އަދި އެ ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *