ރ. ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހު އެމްޓީސީސީއާ ހަވާލު ކުރުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ފައިނުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތްކުރައްވާނީ، ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ.

މިއީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި ވިދާޅުވިއެވެ.
ފައިނު އެއާޕޯޓްގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއަށް ހަވާލުކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ ސަބަބުން ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި މި ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހުވެގެންދާ ކަމަކަށް މިކަން ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.