ޒުވާނުން މިހާރު ފަހަތައްޖެހިިގެންނަމަ ދެންއަންނާނެ ކަންތައް މާނުރައްކާތެރި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު / ފޮޓޯ: އެމްޑީޕީ

ޒުވާނުން މިހާރު ބަސްނުބުނެ ފަހަތަށް ޖެހިއްޖެނަމަ، ދެންއަންނާނެ ކަންތައް މާ ނުރައްކާތެރިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސިނގިރެޓާއި ގުޅޭގޮތުން މިސަރުކާރުން ނިންމާފައިވާ ނިންމުމަކީ "ވަކަރަށްޖަހާލަން" ނިންމާފައިވާ ނިންމުމެއްކަމަށެވެ.

18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުންނަށް ސިނގިރޭޓް ނުވިއްކާގޮތަށް ކަނޑައަޅާފައިވަނީ 18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުން ބަސްބުނާވަރު ބަލާލަން ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެޒުވާނުން ޗުއްޕުވެސް ނުބުނެ، އަނގައިންވެސް ނުބުނެ މިކަމުގައި ތިބެއްޖެނަމަ ދެން އަންނަން އޮތީ، ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ސަރުކާރަށް މިއޮތް ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީއަށް ގެންނަން އެބޭފުޅުން ނިންމަވާފައިއޮތް ނިންމުން. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެވޭނީ 21 އަހަރު ފުރިގެންކަމަށް، ވޯޓުލެވޭނީ 21 އަހަރު ފުރިގެން ކަމަށް ޤާނޫނުއަސާސީ ބަދަލުކޮށްލުން. ސިނގިރެޓާ ބެހޭގޮތުން ކުރައްވާފައި މިއޮތްކަމަކީ ވަކަރަށްޖަހާލުން." ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވަނީ އެމްޑީޕީން އެތައް މަސައްކަތެއް ކޮށްގެން ރާއްޖޭގެ ޒުވާނުންނަށް ހޯދައިދީފައިވާ ހައްޤު ދޫކޮށްނުލުމަށް ގޮވާލައްވާފަ އެވެ. އަދި މިއަދު ޗުއްޕުވެސް ނުބުނެ ޒުވާނުން ފަހަތައްޖެހިިގެން ތިއްބެއްޖެނަމަ އޭގެން ދެންއަންނާނެ ކަންތައްތައް މާނުރައްކާތެރިކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީ ތިބީ "ވިއްދާލާފައި" ކަމަށާއި، ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނެ ކަމަށެވެ.

އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ ކަންމަތީ ޖަލްސާއަކީ މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. 31 ޖެނުއަރީ ވާ ހުކުރު ދުވަހު، "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި އާޓިފިޝަލް ބީޗުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *