ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުން ލާޒިމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ މިދުވަހުގެ މުހިންމުކަމާ މެދު ވިސްނާ ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވެ ދުނިޔެ ހިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފަ އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ހާއްސަކޮށް އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުން އަމާޒެއްކަމަށް ވިދާޅުވެފައިވެ އެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓާއިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވަނީ، މި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިސާދީ ހަރުދަނާކަން އިތުރުވެގެންދާކަމުގައި ވެސް ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެ އެވެ.
ރައީސް މުއިއްޒު ވަނީ ރަށްތައް ހިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކޮށް، އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމާއި، ޤައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަޤީންކަން އަރުވާފަ އެވެ.