ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި ހިންގަން ފަށައިފި އެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އަންގާރަ ދުވަހު ވަނީ އެ ކްލަބްގެ އިފްތިތާހީ ޖަލްސާ ބާއްވާފަ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށެވެ.
ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ވަރަށް ގިނަ ކާމިޔާބީތައް ހޯއްދަވައިދެއްވިކަން އެމްޑީ ފަހުމީ ފާހަގަ ކުރެއްވި އެވެ. ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށްކަން ފާހަގަކޮށް އެމްޑީ ފަހުމީ ވިދާޅުވީ އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަޙްލާޤް ވަކި ގޮތަކަށް ބައްޓަންކުރުމަށް އޭރުގެ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމަށެވެ.
"ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގަ ކުޅިވަރު އޭރު ކުޅުއްވި ބޭފުޅުންނަކީ ނަމޫނާ، ކުޅިވަރުގެ ދާއިރާގަވެސް، މަސައްކަތުގެ ދާއިރާގަވެސް ނަމޫނާ މުވައްޒަފުންތަކެއް. މިހާރުވެސް އެބޭފުޅުން އެބަ ތިއްބެވި" ފަހުމީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕާސަން، ޢަބްދުﷲ ނާޒިރު ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.
ރެކްރިއޭޝަން ކްލަބްގެ ހަރަކާތްތަކަކީ މާޒީއެއް އޮތް، އަދި އެ މާޒީ ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކައިދީފަ އޮތް ކްލަބެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ކުންފުނީގެ މުވައްޒަފުންގެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބް އަލުން އަނބުރާ ވުޖޫދަށް އައުމަކީ. އެއީ އަޅުގަނޑުމެންގެ މި ޚިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގަ، އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގަ އޮންނަންޖެހޭ އެއްބައިވަންތަކަމާ ކުޅިވަރުގެ ރޫޙުގެ ތެރެއިން އަޅުގަނޑުމެން ޚިދުމަތް ދިނުމަށް. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑްރޫމް ތެރެއަށް ވަދެލީމަ." ނާޒިރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިއުލާނުކޮށްފައިވެ އެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް އިފްތިތާހުކޮށްފައިވެ އެވެ.
އަންގާރަ ދުވަހު ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާޙީ ޖަލްސާގެ އިތުރުން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފައެވެ.