މި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވެން އޮތް ހަމައެކަނި ގޮތަކީ މަގުމައްޗަށް ނުކުމެ އަޑު އުފުލުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މިސަރުކާރުގެ ކަންކަން ހުރިގޮތުން ހައްގުތައް ލިބޭނީ ހަނުހުރުމުގެ ބަދަލުގައި މަގުމައްޗަށް ނުކުމ ސަރުކާރަށް އަޑުއިވޭ ވަރަށް އަޑުއުފުލައިގެން ކަމަށެވެ.

އެތައް ރައްޔިތުންގެ ހައްޤުތައް މިސަރުކާރުން ހިފަހައްޓާފައިވާކަން ފާހަގަކޮށް ޝާހިދު ވަނީ މިސަރުކާރުން ފްލެޓްތައް ނުދީ ހިފަހައްޓާފައިވާކަމަށެވެ. އެ ފްލެޓްތަކަކީ ރައްޔިތުންގެ ހައްޤެއް އަދި މުދަލެއްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ޝަރުއީ ހުކުމެއް ނެތި ފްލެޓުތައް ސަރުކާރަށް އަތު ނުލެވޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ އެ ފްލެޓްތައް ހޯދުމަށްޓަކައި އަޑުއުފުލަންޖެހޭ ކަމަށާއި އަޑުއުފުލައިގެން ނޫނީ ފްލެޓްތައް ނުލިބޭނެ ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން ލިބެމުންދިޔަ މުސާރައާއި ސާވިސް ޗާޖު، ރުފިޔާއަށް ބަދަލުކޮށްލީ މިސަރުކާރުން ކަމަށާއި އެއީ މިސަރުކާރުގެ ގޮތެއްފޮތެއް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ. އެހެންކަމުން ރިސޯޓް މުވައްޒަފުން ވެސް އެމީހުންގެ ހައްްޤުތައް ހޯދުމަށް ހަނު ނުތިބުމަށް ގޮވާލެއްވި އެވެ.
މި ސަރުކާރަށް އަޑު އިއްވެން އޮތް ހަމައެކަނި ގޮތަކީ މަގުމަތީގައި އަޑު އުފުލުންކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެނޫން ގޮތަކަށް މި ސަރުކާރަކަށް އަޑު އިވޭނެ ގޮތެއް ނެތްކަމަށެވެ.
31 ޖެނުއަރީ ވާ ހުކުރު ދުވަހު އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތް ކުރިއަށްގެންދާނީ "ފުދިއްޖެ، ފުނޑިއްޖެ" މިނަމުގަ އެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:00 ގައި، އާޓިފިޝަލް ބީޗުންނެވެ.