ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސުލްހަވެރި ބޮޑު އިހުތިޖާޖެއް ބާއްވައިފި

އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން / ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ސުލްހަވެރި ބޮޑު މުޒާހަރާއެއް މާލޭގައި ބާއްވައިފި އެވެ.

ރޭ އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖަކީ "ފުދިއްޖެ ފުނޑިއްޖެ" މިނަމުގައި ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.

އެމްޑީޕީގެ މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އާޓިފިޝަލް ބީޗުންފެށި މި މުޒާހަރާ މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ.

އެމްޑީޕީގެ މުޒާހަރާ ކުރިއަށްދިޔައިރު ސިފައިން ދިޔައީ ގްރީންޒޯން ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްޑީޕީގެ މި މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފަ އެއްނުވެ އެވެ.

މި މުޒާހަރާއަށް އެމްޑީޕީން ތައްޔާރުވަމުންދިޔައިރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ހަމަނުޖެހުން ހިންގުމަށް ކުރާކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ. އެހެންނަމަވެސް އެމްޑީޕީގެ މުޒާހަރާ ކުރިއަށްގެންގޮސް ނިންމާލާފައިވަނީ އެ ފަރާތްތަކުގެ ތުހުމަތުތަކާއި ދިމާއިދިކޮޅަށް ސުލްހަވެރިކަމާއެކު އެވެ.

އެމްޑީޕީގެ މި މުޒާހަރާގައި ވަނީ ރައީސް މުއިއްޒު އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *