ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ ބޮޑު މުޒާހަރާއަށްފަހު ޝާހިދު ވިދާޅުވީ، މުޒާހަރާގައި ދިވެހި ރައްޔިތުން އަޑުގެ ނެތް ކޮޅަށް ގޮވާލީ މިދޮގުވެރި، އަނިޔާވެރި ސަރުކާރުގެ އިސްތިއުފާއަށް ކަމަށެވެ.

"ރައްޔިތުންނަށް ކުރިމަތި ކުރުވާ ނިކަމެތި ކަމާއި، ރައްޔިތުންގެ ބާރުތައް ނިގުޅައި ގަތުމާއި ދެކޮޅަށް އެމްޑީޕީއިން މި އުފުލާ އަޑެއް މަޑެއް ނުކުރާނަން. ދިވެހި ރައްޔިތުންގެ ޙައްޤުގައި މި ކުރާ މިމަސައްކަތެއް ހުއްޓާއެއްނުލާނަން." ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލިބެންވާ ހައްޤު މިންވަރު ހޯދައިދީ، ޑިމޮކްރަސީ އާއި، ރައްޔިތުންގެ ވެރިކަމެއް ގެނައުމަށް، ކުރާމަސައްކަތުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.
ޝާހިދު ވަނީ މި މުޒާހަރާއަށް ނުކުތް އެތައް ހާސް ރައްޔިތުން ދެއްކެވި ހިތްވަރާއި އަޒުމާއި، ޖޯޝަށާއި ސާބިތުކަމަށް ސާބަސް ދަންނަވާފަ އެވެ.
ރޭ އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖަކީ "ފުދިއްޖެ ފުނޑިއްޖެ" މިނަމުގައި ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ. އެމްޑީޕީގެ މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އާޓިފިޝަލް ބީޗުންފެށި މި މުޒާހަރާ މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ. އެމްޑީޕީގެ މި މުޒާހަރާގައި ވަނީ ރައީސް މުއިއްޒު އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.