ރައީސްގެ ދަތުރުން ހޯރަފުށީ ރައްޔިތުންނަށް ލިބުނީ މާޔޫސްކަން: ކައުންސިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީ ކައުންސިލާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުން ހޯރަފުށީ ރައްޔިތުންނަށް ލިބުނީ މާޔޫސްކަން ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.

ހޯރަފުށީ ކައުންސިލުން ޖެނުއަރީ 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނުއަރީ 29 ވަނަ ދުވަހު ރައީސް މުއިއްޒު ހޯރަފުއްޓަށް ވަޑަައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރިޔާސީ ވައުދުފުޅުތައް ފުއްދަވާނެކަމަށް ވިދާޅުވެފައިވާތީ ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސްގެ މި ދަތުރުގައި ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް މުހިންމު ގިނަ ކަންތައްތަކެއްގެ ތަފުސީލީ ސިޓީއެއް ރައީސް އެރުވިކަމަށާއި އަދި ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައިވެސް އެކަންކަން ހިއްސާކުރިކަން ކައުސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ އަވަށްޓެރި ރަށްތަކުގައި ތަރައްގީގެ "ބޯ ވިލާގަނޑަކުން ފެންގަނޑު އޮހިގެންދިޔަ ފަދައިން" ހޯރަފުށީގައި އެމަގުން ކަންކަން ނުދިޔައީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

"ހޯރަފުށީ ކައުންސިލާ، ޑަބްލިއު.ޑީ.ސީ އަދި އިދާރާތަކާ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާ އެންމެ ބޭނުންވާ ކަންކަން ހޯރަފުށީގައި ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސްގެ ވާހަކަފުޅުގައި އެކަންކަން ފުރިހަމަގޮތެއްގައި ފާހަގަކުރައްވާފައި ނުވުމުން، ރައީސްގެ ދަތުރުފުޅުގެ ސަބަބުން ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަމެވެ." ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލާއި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ ބޭނުންވާ ކަންކަމަށް ބައްލައި އެކަންކަން ފައްޓަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *