އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނީ ގަވައިދާ ހިލާފަށް: ނާޒިލް

photo-collage.png

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ނަން އިއްވުމުން ތަޅުމުން މެންބަރުން ނެރުނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި ޝުއޫރުފާޅުކޮށް އިހުތިޖާޖު ކޮށްފަ އެވެ. އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ މެންބަރުންގެ ނަން އިއްވާފަ އެވެ.

އެގޮތުން ނަން އިއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މެންބަރުންގެ ނަން އިއްވުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ މެންބަރުން ތަޅުމުން ނެރެފަ އެވެ. އެގޮތުން ބައެއް މެންބަރުން ނެރުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިކަންކަމާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނާޒިލް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ރައީސް ނެތި މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ތަޅުމުން މަޖިލީހުގައިވެސް އަޑުގަދަކޮށް އިހުތިޖާޖުކޮށްފައިވެ އެވެ. އަދި އޭގެފަހުން މަގުމަތީގައި ވެސް އިހުތިޖާޖު ކޮށްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *