"ޤައުމީ ޚިދުމަތުގެ ނިޒާމު" އޭޕްރިލް މަހު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ޒުވާނުން ޕޮލިހާއި ސިފައިންގެއަށް ވެއްދުމަށް ހިންގާ ޤައުމީ ޚިދުމަތުގެ ނިޒާމާ ގުޅޭގޮތުން ރިޔާސީ ބަޔާނުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސްއަކީ ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި ސަލާމަތީ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދޭނެ ނިޒާމެއް ކަމަށެވެ.

މި ޕްރޮގްރާމު މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި މި ޕްރޮގްރާމް ފެށުމަށްޓަކައި، ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުންނާއި، ވަސީލަތުގެ ގޮތުން ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
މި ނިޒާމުގެ ބޭނުމަކީ ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި މަސައްކަތްތެރި އުފެއްދުންތެރި ބައެއްގެ ގޮތުގައި ބިނާކުރެވުން ކަމަށް ރައިސް ވިދާޅުވި އެވެ.
"ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މިއީ ދިވެހި ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވުން. މި ޚިދުމަތުގެ ތެރޭން އެ ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާ ޤައުމީ ޙަޔާތާއި އަޚްލާޤާއި ޢިލްމީ މައިދާން އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދޭނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މި ހިދުމަތުގެ ތެރެއިން އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހްތިރާމުކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ދިވެހި ޒުވާނުން ބިނާކުރެވޭނެ ކަމަށެވެ.
މި ހިދުމަތުގެ ތެރެއިން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ދިވެހި ޒުވާނުން ބައްޓަންކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ދިވެހި ޤައުމުގެ ޒުވާނުންނަކީ ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ ޝައްކެއް ކުރާކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.