ފުލުހުންގެ ހައްޔަރުގައި ހުއްޓާ ސްޓްރޯކް ޖެހުނު މީހާއާއެކު އަމަލުކުރިގޮތް ބަލަމުންގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ހައްޔަށް ގެންދިޔަ މީހަކަށް ސްޓްރޯކް ޖެހި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ހާލުގޯސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ، މަސްތުގެހާލުގައި ހުރި މީހަކު އުޅަނދެއް ދުއްވާކަމަށް ފުލުހުންނަށް އިއްޔެ ހެނދުނު 10:13 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެޓެންޑްވިއިރު އެމީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނު މަގު އަރިމައްޗަކަށް އަރައިފައި އޮތްކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އިތުރަށް މައުލުމާތު ސާފުކުރުމުން އޭނާ ދުއްވި އުޅަނދު ހުޅުމާލެ ފޭސް ދެއަކުން ފޭސް އެކަކަށް ދަތުރުކުރަމުން ދަނިކޮށް ބްރިޖު ޑިވައިޑާގައި ޖެހި އެކްސިޑެންޓް ވެފައިވާކަން އެނގުނުކަމަށްވެސް ފުލުހުން މައުލުމާތު ލިބިފައިވެ އެވެ.
އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާތަކެތި ޗެކުކުރިއިރު މަސްތުވާތަކެއްޗަށް ނެގެޓިވް ވުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހެނދުނު 10:34 ހާއިރު އެވެ. އަދި ދޫކޮށްލާފައިވަނީ ހަވީރު 05:28 ހާއިރު އެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އަމަލުކޮށްފައިވާގޮތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.