ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އެންގި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ.

އެހެންނަމަވެސް މި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ 3 ފެބްރުއަރީގައި އިސްތިއުނާފު އަނބުރާ ގެންދިއުމަށް އެދި ހައިކޯޓަށް ހުށަހަޅާފަ އެވެ.

މިކަން ހާމަކޮށް އޭޖީ އަހުމަދު އުޝާމް ވިދާޅުވީ، މައްސަލަ އަނބުރާ ގެނައުމަށް އޭޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށެވެ.

މި މައްސަލައިގައި މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އެދިފައިވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 2024 ވަނަ އަހަރުގެ ޖެނުއަރީ 8 ގެ ނިޔަލަށް ރައީސް މުއިއްޒު އައްޔަނުކުރެއްވި ސިޔާސީ މުވައްޒަފުންގެ ނަމާއި، ވަޒީފާ އަދާކުރާ މިނިސްޓްރީ، މަގާމު އަދި މުސާރައިގެ މައުލޫމާތު ހާމަކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *