ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޭންގް ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
ބޮޑެތި ޖަލު ހުކުމްތަކާއި ބޮޑެތި ޖުރިމަނާތައް ހިމެނޭ މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުން ބުނެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫޏްވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުމެވެ. މީގެއިތުރުން ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެމަތިން ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުމާއި ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދިނުން ކަމަށެވެ.
މި ބިލުގައި ވަނީ އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފަ އެވެ. އަދި މިކަމަކީ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 200،000 އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅާފައވެ އެވެ.
މީގެއިތުރުން ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުން، މީހަކާމެދު ނުރައްކާތެރި މާރާމާރީއެއް ހިންގުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕްކުރުން އަދި މީހަކަށް ބިރުދެއްކުމަކީ ކުށެއް ކަމަށް ވެސް މި ބިލުގައި ކަނޑަައަޅާފައިވެ އެވެ. މި ބިލުގައި ވަނީ ތަހުގީގީ އިދާރާތަކުން ސިއްރު އޮޕަރޭޝަންތައް ހިންގޭނެ ހާލަތައްތަކާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ބަޔާންކޮށްފަ އެވެ.