ޕޮލްކޯގެ އިތުރު ކޮރަޕްޝަނާ ގުޅޭ ސިޓީއެއް މަޖިލީހަށް

7a6b5b1a-381f-4432-8d79-c2e388aa8558

ޕޮލްކޯގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުތަމތު ކުރާ އިތުރު ކޮރަޕްޝަންގެ ކަންކަމުގެ މައުލޫމާތު ހާމަކޮށް ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާކަން ހާމަކޮށްފި އެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ފުލުހުންގެ ހައުސިން މަޝްރޫއާ ގުޅޭގޮތުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގަ އެވެ. މި އޮޑިޓް ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވާއިރު މަޖިލީހުން އަންނަނީ މި އޮޑިޓް ރިޕޯޓް ދިރާސާ ކުރަމުންނެވެ.

އެގޮތުން މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައިގެން މައްސަލަ ބަލާއިރުމިއަދު ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުން ޕޮލްކޯގެ މައްސަލަ ބަލަންފެށުމާއެކު އެތަނުގައި މަސައްކަތްކުރާ ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރީ މި ހައުސިން ކަންތަކުގައި އެކަނި ނޫންކަމަށާއި، މިއަށްވުރެމާ ފުޅާދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމުގައި ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށް އޭގައި ބުނެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އެ ސިޓީގައި ހަވާލާދީފައިވާ އެއް ރިޕޯޓަކީ އޭރުގެ ޕޮލިސް ކޮމިޝަނަރަށް 2019 ވަނަ އަހަރު ފޮނުވާފައިވާ ރިޕޯޓެއް ކަމަށާއި ނަމަވެސް އެ ރިޕޯޓާއި ގުޅިގެންވެސް ފިޔަވަޅެއް އަޅުއްވާފައި ނެތް ކަމަށެވެ.

މި ކޮމިޓީގެ ވަކި ހިސާބަކުން ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މައިކުތައް ކަނޑާލައިގެން ތިބެ އެވެ. އެހެންކަމުން މި ކަމުގައި ކޮމިޓީގެ މަޝްވަރާ ދިޔަގޮތެއް އިތުރަށް ސާފެއް ނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *