ކުޅުދުއްފުށި ސިޓީގެ 8 ގެޔަކުން ސިހުރު ހަދަން ބޭނުންކުރާ ސާމާނު އަތުލައިގަނެފި އެވެ.
ކުޅުދުއްފުށީގައި ސިހުރު ހެދުމުގެ މައްސަލަ ބޮޑުވެ ފުލުހުން މިއަދު ވަނީ އެ ރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި އޭގެތެރެއިން 8 ގެޔަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހެދުމަށް ބޭނުންކުރާ އެކިކަހަލަ އާލާތްތައް ފެނިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ސިހުރު ހެދުމުގެ މައްސަލަތައް ފެންމަތިވާ އެކިފަހަރު ފުލުހުންގެ ހާއްސަ އޮޕަރޭޝަންތައް ހިންގަ އެވެ.