ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގު ކުރުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ) އިން ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯތަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ، ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯން އޮންނަ ޖޭއެސްސީއާއި އޭސީސީ މެދުވެރިކޮށް ބަލަމުންދަނީ އެއްވެސް އަސާސެއް ނެތި އެ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމަށް ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތުރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެމަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި ވީމާ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ އެންމެ އިދާރާތަކަށް ގޮވާލާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.