ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރާލްދާގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންގެންދާއިރު، އެ މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ގެންދިއުމަށް ކުރިްނ އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ މާދަމާއަށް ބަދަލުކޮށްފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީގައި އެދިފައިވަނީ މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ހާޒިރުކޮށްގެން ކުރިއަށްގެންދާބައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. މިކަމާ ގުޅޭގޮތުން ޖޭއެސްސީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް މަޖިލީހުން ފާސްކުރި އެވެ. އެގޮތަށް ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭސީސީން ހިންގާ ތަހުގީގެއްކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވެ އެވެ. އެގޮތުން ސަސްޕެންޑް ކުރީ ފަނޑިޔާރު އަޒްމިރާލްދާ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މިކަންކަމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.