ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ތުހުމަތު ކުރެވޭ ނުފޫޒު ފޯރުވިކަމުގެ މައްސަލައަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.
ފަނޑިޔާރު މަހާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު އެމަނިކުފާނު ޖޭއެސްސީއަށް ހާޒިރުވެފައިވެ އެވެ. ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުވީ ވަކީލް މުހައްމަދު ފައިސަލްއާ އެކެވެ.

ޖޭއެސްސީއަށް ފަނޑިޔާރު މަހާޒު ހާޒިރުވެ ވަނީ، ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. މީގެ އިތުރުން ތުހުމަތަށް ޖަވާބުދާރީ ވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ، އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމީ 5 ޑިސެމްބަރުގެ ހެނދުނު ގާތްގަނޑަކަށް 10:30 ހާއިރު ކަމަށާއި، މަހާޒަށް އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދަށް ހާޒިރުކުރިކަން ވެސް އެނގިވަޑައިގަތީ ހެނދުނު 11:30 ވެސްވި ފަހުން ކަމަށެވެ.
އަދި އޭގެފަހުންވެސް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުވަތަ މުވައްޒަފަކަށް ވެސް ގުޅުއްވާފައި ނުވާ ކަމަށާއި އަދި އެއްވެސް ގޮތަކަށް މެސެޖެއް ނުވަތަ ލިޔުމެއްވެސް ފޮނުއްވާފައިނުވާ ކަމަށެވެ.
މި މައްސަލައިގައި މާދަމާ ފަނޑިޔާރު އަޒްމިރާލްދާވެސް ޖޭއެސްސީއަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.