ސްޓެލްކޯގެ ފަރާތުން 1446 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.
ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:
• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން ބުނެފައިވަނީ މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެއްގެ ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 215 މުވައްޒަފަކުގެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
2023 ވަނަ އަހަރާއި ހަަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށް ނަމަވެސްއ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައި ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.
ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުނީގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.