މިއަހަރުގެ ޕީކް ހޭންޑްލިންއަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 އިންޖީނުގެ ހުޅުވައިފި އެވެ.
ސްޓެލްކޯ ހުޅުމާލެ އިންޖީނުގެ އެނެކްސް- 2 ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް އެމްޑީ ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެއިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސްކަން ފާހަގަ ކުރެއްވި އެވެ.
ފަހުމީ ވިދާޅުވީ މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައްނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވި ކަމަށެވެ. އަދި އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށާއި، އެ ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނަށް ޝުކުރެއް ދަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ރޯދަ މަހުގައިވެއް އައްވާއި، ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެކަމަށްޓަކައި މުވައްޒަފުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް އެމްޑީ ފަހުމީ ވިދާޅުވި އެވެ. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުންކޮށްފައިވާކަން ފަހުމީ ވަނީ ފާހަގަކޮށް އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފަ އެވެ.
ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފަ އެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވެ އެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ އެވެ.