އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކި ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދީފައިވަނީ 14 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކަމަށްވެސް އަދަދު ނޫހުން ނެރެނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާއަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިންޒާރު ދެއްވީ، އަަދަދު ނޫހާމެދު، އަދި ހުސައިން ފިޔާޒު މޫސާއާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށީ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. ކޯފާވެގެން ތުރުތުރުލާ އަޑަކުން ދެފަހަރު ތަކުރާރުކޮށް އެހެން ވިދާޅުވުމަށްފަހު "ތިންވަނަ ފަހަރަށް މިބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" މިހެން ވިދާޅުވުމަށްފަހު ފޯނު ބޭއްވެވީއެވެ." އަދަދު ނޫހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަދަދު ނޫހުން ބުނެފައިވަނީ، އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަ އެ ނޫހުން ގެނެސްފައި ނުވާނެ ކަމަށެވެ.
އަދަދު ނޫހުގައި ޝާޢިއުވެސް ނުކުރާ ހަބަރަކާ ގުޅިގެން ރައީސް ދެއްވި އިންޒާރަކީ ސަރުކާރުން އެދޭގޮތަށް ނޫހުގެ ސިޔާސަތުތައް ބައްޓަން ނުކުރާތީ އޮންނަ ހިތްފުޅު ހަމަނުޖެހުމެއްގައި ދެއްވި އިންޒާރެއް ކަމަށްވެސް ބުނެފައިވެ އެވެ.