އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްސަލައެއް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ފަރާތުން ފުލުހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ވަކީލް މިއަދު ވިދާޅުވީ، ފުލުހަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށާފައިނުވަނީސް، ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށްބުނެ އޭސީސީގެ ރައީސް ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވައި ދޮގުމައުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށްއެދި އެވެ.

މީގެއިތުރުން، ފަނޑިޔާރު އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށްވެސް މިއަދު ފުލުހައި އެދިފައިވާ ކަމަށް ފަނޑިޔާރު އަޒްމިރާލްދާގެ ވަކީލުން މައުލޫމާތުދެއްވަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފާރާތުން ޝާމިލްއާ ދެކޮޅަށް މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، މި މައްސަލައިގައި އޭސީސީގެ ރައީސްއާ ދެކޮޅަށް މައްސަލައެއް އޭސީސީއަށް ވެސް ހުށަހަޅާފައިވެ އެވެ. އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ރަސްމީ ހައިސިއްޔަތުގެ ނުޒޫފު ބޭނުންކުރިކަމަށް ބުނެ އެވެ.