ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް މިއަދު ދިމާވި ކުއްލި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މުޅި މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

މިއަދު މާލޭ ސަރަޙައްދުން ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަނެ ފަހުން ރައްޔިތުންނަށް ހާމަކުރާނެކަން ފާހަގަކުރައްވާ ފަހުމީ ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި މަޢާފަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކަރަންޓު ކެނޑިގެން ކުރިމަތިވި ހައްސާސް ވަގުތުގައި އަލުން ކަރަންޓު ދިނުމަށް މަސައްކަތްކުރި ސްޓެލްކޯގެ ހީވާގި މުވައްޒަފުންނަށާއި އެކަމުގައި އެކި ގޮތްގޮތުން އެހީތެރިވި އެކި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރުވެސް ދަންނަވާފައެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. އަލުން ކަރަންޓު ދިނުމަށް ކުރެވުނު މަސައްކަތުން މިއަދު މެންދުރުފަހު 3 ޖެހިއިރު ވަނީ ކަރަންޓު ދޭން ފެށިފައެވެ. މަސައްކަތް އެއްކޮށް ނިންމައި، ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވަނީ މިއަދު އިރުއޮއްސި 18:05 ހާއިރުއެވެ.