ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވާފައިވާ ފަސް މިލިއަން ގަހުގެ ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުރައްވަމުންދާ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފަވީ، މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ފަސްލައްކަ ގަސް އިންދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ކުންފުނިން ޚިދުމަތް ދޭ ރަށްތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްދާ ކަމަށެވެ. މިގޮތުން މި ހަފުތާގެ ބަންދުގައި އެކަނި ވެސް 15,000 ގަސް އިންދިފައިވާކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، އެ ކުންފުނިން އިންދަމުންދަނީ މުޖުތަމަޢުއަށް މަންފާކުރަނިވި އެކި ވައްތަރުގެ ގަސްތަކެވެ. އަދި ގަސްގަހާގެހި އިންދައި، ބެލެހެއްޓުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ތަރުކާރީއާއި އެހެނިހެން ބާވަތްތަކުގެ މުޑުވައް ވެސް އެ ކުންފުނިން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.