ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިއުލާން ކުރި ގޮތުގައި، މާދަމާ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތާ ގުޅިގެން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ވަގުތީގޮތުން ކެނޑިގެންދާނެއެވެ.
އެހެންކަމުން މާދަމާ ހެނދުނު 09:00 ން 12:00 އާ ދެމެދު މާލެސިޓީ ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.

އަދި މާދަމާ ހެނދުނު 10:00 ން 12:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލެސިޓީ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުންވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތުދީފައެވެ.
އަދި މީގެއިތުރުން މާދަމާ ހެނދުނު 10:00 ން 11:00 އާ ދެމެދު މާލެސިޓީ ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ މަޢުލޫމާތުދީފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.