ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސްމާޓް ޚިދުމަތްތައް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ މީޓަރުތައް ސްމާޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

"މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މަޢުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ"
ސްޓެލްކޯއިން އިތުރަށް ބުނީ، މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން ކަމަށެވެ. މީގެ އިތުރުން، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފީޗަރވެސް އަލަށް ތަޢާރަފުކުރާ އެޕުގައި ހިމަނާފައިވާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް، ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުޢާމަލާތުކުރުމުގެ ފުރުޞަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯއިން އަލަށް ތަޢާރަފުކުރާ ސްމާޓް އެޕްލިކޭޝަން ފަރުމާކޮށް އުފައްދާފައިވަނީ އިންހައުސްކޮށެވެ.
ސްޓެލްކޯއިން ބުނީ، ތަރައްޤީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒުކަމަށެވެ.