ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

442825_6d458d54-a_

އިންޑިއާގެ ލޯނު އެހީއާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފެށި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމައި ރަސްމީކޮށް އިއްޔެ ހުޅުވައިިފިއެވެ.

ހަނިމާދޫގައި އޮތް ރަސްމިއްޔާތެއްގައި މި އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްުޒުއެވެ. ޑރ. މުޢިއްޒުގެ އަރިހުގައި، މި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮނުއްވި ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން،  ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތް ފެއްޓީ އުތުރުގެ ތަރައްޤީގެ މައި ދޮރާށި ކަމުގައި ބަލައިގެން، ރާއްޖޭގެ އުތުރަށް ފަތުރުވެރިކަން ފުޅާކޮށް، ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށްވެސް ވިސްނައިގެންނެވެ. މިއީ އެންމެ ޒަމާނީ ފެންވަރަށް، ބަލާލަން ހިތްގައިމު ގޮތަކަށް ފަރުމާކުރެވުނު އެއަރޕޯޓެކެވެ. ހުޅުލޭގެ އިތުރުން ރާއްޖޭގެ އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއަރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު އެއަރޕޯޓަކީވެސް ހަނިމާދޫ އެއަރޕޯޓެވެ.

2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޑރ. މުޢިއްޒު ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން ކުރީ، ހދ. ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓެކެވެ.

އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެދަނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމުގައެވެ. އަދި މި ފުރުޞަތު ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ޑރ. މުޢިއްޒު ގޮވާލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *