ޕޮލެންޑު ސަފީރު، ރައީސް އަރިހަށް ވަދާއީ ޒިޔާރަތެއް

275530_f9ea3271-1_

ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އެޑަމް ބްރަކޮވްސްކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް އިބޫ ވަނީ ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕޮލެންޑުގެ ސަފީރު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި، ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ޕޮލެންޑުގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ކުރިޔަށްއޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *