ލެކްޗަރާއިންގެ މުސާރަ 59 އިންސައްތަ ބޮޑުކުރެވިފައިވާ ކަމުގެ އުފާވެރި ހަބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ތ.ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރައްވާ އެކެޑަމިކް ޕްރޮފެޝަނަލުންނަށް ދެން މުސާރަ ލިބޭނީ ހެޔޮ ބަދަލާ އެއްގޮތަށް ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް ކުރިން ލިބުނު ލިބުނު މުސާރައަކީ، 18880 ރުފިޔާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ގެނައި ބަދަލާއެކު މިހާރު ޔުނިވާސިޓީގެ ލެކްޗަރާއަކަށް، އިތުރު ވަގުތާ ނުލައި، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29،900 ރުފިޔާ ލިބޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ގާތްގަނޑަކަށް 59 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލެކްޗަރާއިން މުސާރައަށް ގެނެވުނު ބަދަލުތައް:
- ސީނިއާ ލެކްޗަރާއަކަށް ކުރިން އޯވާޓައިމާއެކު 20،830 ލިބުނުއިރު، ބަދަލާއެކު އޯވާޓައިމް ނުލައި 34،000 ރުފިޔާ ލިބޭނެ
- އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ، 23،500 ރުފިޔާއިން 39،400 ރުފިޔާއަށް ބޮޑުކޮށްފައި
- އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000 ރުފިޔާއިން 45،000 ރުފިޔާއަށް ބޮޑުކޮށްފައި
- ޑީނެއްގެ މުސާރަ އާއި ހެޑް އޮފް ސެންޓަރެއްގެ މުސާރަ 30،000 ރުފިޔާއިން 38،000 ރުފިޔާއަށް ބޮޑުކޮށްފައި
- ރަޖިސްޓްރާރގެ މުސާރަ 32،000 ރުފިޔާއިން 42،000 ރުފިޔާއަށް ބޮޑުކޮށްފައި
- ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39،000 ރުފިޔާއިން 48،000 ރުފިޔާއަށް ބޮޑުކޮށްފައި
- ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންގެ މުސާރަ 14،700 ރުފިޔާ އިން 26،000 ރުފިޔާއަށް ބޮޑުކޮށްފައި
- ލެކްޗަރަރއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށާއި، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބޮޑުކޮށްފައި
މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، އޯވާޓައިމާ ނުލައި، 767 މުވައްޒަފަކަށް މުސާރައިގެ މި ބަދަލު އަންނާނެ ކަމަށާއި، އަހަރެއްގެ މައްޗަށް 62 ރުފިޔާމިކަމަށް ހަރަދުކުރަން ބަޖެޓުކުރާނެ ކަމަށެވެ.
މި ބަދަލުގެ އިތުރު ތަފްސީލުތައް، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ތަފްސީލްކޮށް ހިއްސާ ކުރާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.