އދ.ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ދިގުރަށް ބަނދަރު ހެދުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވުމަށްފަހު އެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އިއްޔެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.
މީގެއިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މަޝްރޫއުގެ ދަށުން ހިމެނެއެވެ.
މި މަޝްރޫއަށް 50.02 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.