މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް ނަން ހުށަހަޅަން ޖެހޭ ފޯމު ފޮނުއްވަންޖެހޭނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށް ކަމަށާއި، އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދޭ ކަމަށެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 36 ދާއިރާއަކުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.