ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އިބްރާހީމް ވަހީދު މަގާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އިބްރާހިމް ވަހީދަކީ، 2009 އިން 2012 އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރާހީމް ވަޙީދު ވަނީ ފުރުއްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައިވެއެވެ.
މީގެ އިތުރުން 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީގެ ސެކްރެޓެރީގެ މަޤާމުވެސް އިބްރާހީމް ވަޙީދު ފުރުއްވާފައިވެއެވެ.