ޕާކިސްތާނުގެ ސަފީރު ނައިބްރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް

287801_64fef337-8_

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބްރައީސް އާއި ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ޤަބޫލުކުރުންތަކާއި އުސޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މިގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވިއެވެ. ހަމަ އެއާއެކު ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމް.އޯ.ޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ނައިބްރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާލަތު އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބްރައީސް އާއި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *