ޕޭވްމަންޓުގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އާބަންކޯގެ އިންޒާރެއް!

c3a6fc76-1c32-4c16-ad3c-d6f53d2ecffa

ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް އާބަންކޯއިން ދީފައިވާ ހުއްދައާ ހިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނާތީ އެކަން ހުއްޓާލުމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ބުނީ، ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ވަނީ ފާހަގަކުރެވިފައި ކަމަށާއި، އަދި މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާވެސް އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ.

މި މައްސަލާގައި އާބަންކޯއިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ވަނީ އެނގިފައި ކަމަށާއި، މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންފާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

"މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެއް" އާބަންކޯއިން ބުނެއެވެ.

މީގެއިތުރުން އާބަންކޯއިން ބުނީ، ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށާއި، އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން މި ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *