މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި، ރ.އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަނުން ބުނީ، މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށްޓަކައި ދެ މެނޭޖަރުން ނެގުމަށް މިދިޔަ ހަފްތާގައި ވަނީ އިއުލާން ކުރެވިފައި ކަމަށެވެ.
މި މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ މިތަންތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިންގ ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނިޓަރ ކުރުމާއި، އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒުކުރުމާއި، އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުމުގެ އިތުރަށް އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
މީގެއިތުރުުން މެނޭޖަރުންގެ މަޤާމަށްއެދި ހުށަހެޅުމުގެ ސުންގަޑިއަކީ 23 މޭ 2023 ގެ 13:30 ކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
ހަޔަރ އެޑިއުކޭޝަނުން ބުނީ، މެނޭޖަރުންގެ އިތުރުން މި ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށްވެސް މިއަދުވަނީ އިޢުލާނު ކުރެވިފައި ކަމަށާއި، އެޑްމިން އޮފިސަރުންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 މޭ 2023 ގެ 13:30 ކަމަށެވެ. އަދި މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ 4-6 ހަފްތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ކަމަށާއި، އިންސްޓިޓިއުޓްގެ ވޯރކް އޭރިއާ ސެޓަޕް ނިމުމާއެކު މަސައްކަތްތައް އިންސްޓިޓިއުޓުގެ އިމާރާތަށް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިތުރު މައުލޫމާތު:
https://www.gazette.gov.mv/iulaan/240991 މެނޭޖަރ ، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް
https://www.gazette.gov.mv/iulaan/240992 މެނޭޖަރ ، ރ. އަލިފުށީ ޓިވެޓް ސެންޓަރު
https://www.gazette.gov.mv/iulaan/241516 އެޑްމިނިސްޓްރޭޓިވް އޮފިސަރ ، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް
https://www.gazette.gov.mv/iulaan/241515 އެޑްމިނިސްޓްރޭޓިވް އޮފިސަރ ، ރ. އަލިފުށީ ޓިވެޓް ސެންޓަރު