ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، "އާބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023″ އަންނަ ޖޫން މަހުގެ 20 އިން 24 އަށް ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އާބަންކޯ ހަމަޖައްސާފައިވާއިރު، މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ތިންކް އެސޯސިއޭޓްސް އާއި އާބަންކޯއިން ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު އާތިފްއެވެ. އަދި ތިންކްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަދީލް އިސްމާއިލްއެވެ.
ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެއް ކަމަށެވެ.
މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށައި، އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި، މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.