ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދި އަވަހަށް ހައްލުވާނެ: ރައީސް ސޯލިހު

ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

އެމަނިކުފާނު މަސްވެރިންނަށް މިޔަޤީންކަން ދެއްވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ހަވީރު، ފަރެސްމާތޮޑާ އާއި އަދި ހުވަދު އަތޮޅުގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މިދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ޤާއިމް ކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *