ތިމާވެށި ހިމާޔަތްކުރުމަކީ ދިރިއުޅުމުގެ އާދައެއްކަމުގައި ހެދުން ލާޒިމް: ރައީސް

299788_e64bff6f-2_

މިއަދުގެ ޙާލަތު އޮތް ގޮތުން ތިމާވެށި ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުމަކީ ލާޒިމްކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ރައީސް ސޯލިހު ފޮނުއްވި ޚިޠާބުގައި ދުނިޔޭގެ ތިމާވެށްޓާއި ޤުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން ރައީސް ސޯލިހުގެ ޚިޠާބުގައި ވިދާޅުވީ، ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ޚިޠާބުގައި ވިދާޅުވީ، ތިމާވެށްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުން ބޮޅުން ވިޔަ ނުދީ ރައްކާތެރި ކުރުމަކީ، ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ދުނިޔެއާ ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ޚިޠާބު ނިންމަވާލެއްވީ، ޕްލާސްޓިކް އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހެދުމަށް އެދިވަޑައިގަންނަވަމުންނެވެ. މިގޮތުން، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *