ޖޭއެސްސީ އެކުލެވޭ ގޮތް އިސްލާހުކުރަން 2 ބިލެއް މަޖިލީހަށް ހުށަހަޅައިފި

original_1685008914207

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް ގާނޫނު އަސާސީއަށާއި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށްހުށަހެޅުމަށްޓަކައި ދެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީ އެކުލެވޭ ގޮތް އިސްލާހު ކުރުމަށް ދެ ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށައި، މިގޮތުން މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެމްބަރުންގެ އަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމަށެވެ.

މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްއިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށް އޭޖީ ކުރެއްވި ރިއްފަތު ވިދާޅުވިއެވެ.

މީގެއިތުރުން ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށައި، މި މަސައްކަތްވަނީ 2019 ގައި ފަށާފައި ކަމަށްވެސް އޭޖީ ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށަހަޅައި، މިއަދުގެ 2 ބިލާއެކު އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *