ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދީ: ނައިބްރައީސް

304048_d9f24660-5_

ޤައުމަށް ހިދުމަތްކުރާ ދަރިންތަކެއް އެކުލެވޭ ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދިނުމަަށް ނައިބްރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގެންނެވީ މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ގްރެޖުއޭޝަން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ހޯލުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިންގެ ހުރި ހުނަރުތައް ދެނެގަނެ އެކަންކަން ތަރައްޤީކުރުމުގައި ބެލެނިވެރިން ބާރުއަޅައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ކުދިންނަކީ މަސައްކަތްތެރި ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ސްކޫލުތަކާއި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން ޗުއްޓީ ތެރޭގައިވެސް ކުދިންލައްވައި ކަންކަންކުރުވައި ކަންކަން ދަސްކޮށްދިނުމަށް މަސައްކަތްކުރުމާއި ޚާއްޞަކޮށް ދީނީ ކަންކަމަށް ކުދިންނަށް ބާރުއަޅައިދިނުމަށް ނައިބްރައީސް ފައިސަލް ވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި މުހައްމަދު ގާސިމް ޕްރީސްކޫލުން ގްރެޖުއޭޓްވި ޔޫކޭޖީ 1 އިން ފެށިގެން ޔޫކޭޖީ 8 އާ ހަމައަށް ހުރިހާ ކްލާސްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ނައިބްރައީސްއެވެ.

މުހައްމަދު ގާސިމް ޕްރީސްކޫލަކީ 24 އޮކްޓޫބަރ 2021ގައި ހުޅުވުނު ޕްރީސްކޫލެކެވެ. މިހާރު 462 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން އަންނައިރު އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ 36 ކުއްޖަކުވެސް ހިމެނެއެވެ. މި ސްކޫލުގެ ގްރެޖުއޭޝަން 2022-2023ގައި ޖުމްލަ 198 ދަރިވަރުން ގުރެޖުއޭޓްވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *