ރައީސް ޔާމީންއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެވުނަސް ޕީޕީއެމްގެ ކެނޑިޑޭޓެއް ހުންނާނެ ކަމަށް ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރަޓުން ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުމަށްފަހު މިއަދު "އޯޝަން ޕްރެސް" ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި، އެއް ކެނޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމުގެ މަޝްވަރާތައް ކުރެވޭތޯ ނޫސްވެރިއަކު އެއްސެވި ސުވާލާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ޝުޖާއު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކަންތައްތައް ނިންމަވާނީ އެ ޕާޓީގެ ތެރެއިން ކަމަށެވެ.
އެ ޕާޓީއަކީ އެންމެ ފުރަތަމަ ރިޔާސީ ކެނޑިޑޭޓެއްވެސް ދެއްކި ޕާޓީ ކަމަށާއި، އެ ޕާޓީގެ ހުރިހާވެސް މަސައްކަތެއް ކުރަނީ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެއީ ސެނެޓާއި މަޝްވަރާ ކުރަންޖެހޭ ކަމެއްވެސް ނޫން ކަމަށާއި، އަދި ރިޔާސީ ކެނޑިޑޭޓްގެ ސުވާލަކީ ކުރަންޖެހޭ ސުވާލެއް ނޫންކަމަށްބުނެ ޝުޖާއު ވަނީ ނޫސްވެރިންނާއިމެދު ނުރުހުންވެ ގިނަ ވާހަކަތަކެއް ދައްކާފައެވެ.
"އަޅުގަނޑު މިދަންނަވަނީ މި ސުވާލު ނުކުރައްވާ ތި ބޭފުޅުން. އެހިސާބަށް ދިޔައިމަ ޕީޕީއެމްގެ ކެނޑިޑޭޓަށް ހުންނާނީ ރައީސް ޔާމީން. ނެތް ހާލަތުގައިވެސް ޕީޕީއެމްގެ ކެނޑިޑޭޓެއް ހުންނާނެ" ޝުޖާއު ވިދާޅުވިއެވެ.
ޕީޕީއެމް-ޕީއެންސީއާއި ދަ ޑިމޮކްރަޓުން ގުޅިގެން ރިޔާސީ ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ސިއްރުން ކުރެވޭކަމަށް ކުރިންވެސް އޮތީ އަޑުފެތުރިފައެވެ. އެހެންނަމަވެސް، ޕީޕީއެމްގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން އެ ޕާޓީއިން އިއުލާންކޮށްފައިވާއިރު، ދަ ޑިމޮކްރަޓުންގެ ވެސް ކެނޑިޑޭޓެއް ހުންނާނެކަމަށް އެ ޕާޓީ އުފެއްދުމުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި، ނޫސްވެރިން ވަނީ ދަ ޑިމޮކްރަޓުންގެ ފަރާތުން ރައީސް ޔާމީނަށް ތާއީދު ކުރައްވާނަންތޯވެސް އައްސަވާފައެވެ. އެ ސުވާލާއި ގުޅިގެން އަމްރު ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލައަކީ އެންމެ ބޭފުޅެއްގެ މައްސަލައެއް ނޫންކަމަށެވެ. އަދި، ދެ ފަރާތަށް އެއްބަސްވެވޭ ކޮމަން ކެނޑިޑޭޓަކު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެހެންނަމަވެސް، އެ ކޮމަން ކެނޑިޑޭޓަކީ ރައީސް ޔާމީނަށްވެދާނެތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން އަމްރު ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ ވަރަށް ސާފުކޮށް އިނގޭހެން މިދަންނަވާ ވާހަކަ".
ދަ ޑިމޮކްރަޓުންނާއި ޕީޕީއެމް ގުޅިގެން މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާއިރު، މި ބައްދަލުވުންތަކުގެ މައުލޫމާތު ޕީޕީއެމްގެ ސެނެޓަރުންނާއި އާންމު މެންބަރުންނާއި ހިއްސާ ނުކުރާތީ އެކަމާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ގިނަ ހިޔާލުތަފާތުވުންތައް އުފެދިފައެވެ.