ގދ.ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފަސް މަގެއްގައި ތާރު އަޅައި ނިންމާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އާއްޑީސީން ބުނެފިއެވެ.
އާރްޑީސީން ބުނީ، ތިނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އާބާދީ ހިނގުން، އޯކިޑް މަގު، ރަނަހަމައިދި މަގު، ނަރުގިސް މަގު އަދި ކާންނާ މަގުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މަޝްރޫއުގެ ދަށުން ގަދަހަމައިދިމަގު، ދާންނާމަގު، ވަރުހަގުމަގު އަދި ރަށްދެބައިމަގާއި ނަރުގިސްމަގުގެ އިތުރުން މާފަތްމަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، މިއާއެކު ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ %90 މަސައްކަތް ވަނީ ނިމިފައި ކަމަށް އާރްޑީސީން ބުނެއެވެ. .
ތިނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީން ކުރަމުން އަންނައިރު، ދެވަނަ ފިޔަވަހީގައި ބޮޑު 14 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން 6.5 ކިލޯ މީޓަރު މަގު ތާރު އަޅައިގެން އާރްޑީސީން ހަދާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރާނެއެވެ.
މި މަޝްރޫއަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.