ރައީސްގެ ވައުދު މުއްޔަށް: ޒަމާނީ ފެންވަރަށް މަގު ހަދައި، ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކޮށްދޭނަން

F1E7N0GaEAEU2Op

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، މ.މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ހޮސްޕިޓަލާއެކު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ވަނީ އެ އަތޮޅު ނާލާފުށި، ކޮޅުފުށި އަދި މުއްޔަށްް ވަޑައިގެންފައެވެ. އެގޮތުން، މުއްޔަށް ވަޑައިގެން ރައީސް ވަނީ މި ދައުރުގައި މުއްޔަށް ކޮށްދެވުނު ކަންތައްތަކާއި، އަންނަ ދައުރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއްވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން، ރައީސް އެންމެ ފަހުން މުއްޔަށް ވަޑައިގެންނެވި ދަތުރުގައި ރައްޔިތުން އެދުނީ ހޮސްޕިޓަލާއި އެއާޕޯޓްއެއް ހަދައިދިނުމަށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުލީ ހުސްޕޮޓަލަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުން ހިދުމަތް ހޯދާ ހޮސްޕިޓަލެއް ކަމަށެވެ. މި ދައުރުގައި މިހާރުވެސް ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރުކުރެވިފައިވާއިރު، އައު ހޮސްޕިޓަލެއް އެޅުމަށްވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެކަމުގެ ޕްލޭންކުރެވި މިހާރު ވަނީ ޓެންޑަރ މަރުހަލާގައެވެ. ރައީސް ވިދާޅުވީ، ހޮސްޕިޓަލާއެކު ރައްޔިތުން އެދޭގޮތަށް ރިހެބިލިޓޭޝަން ސެންޓަރެއްވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

އެއާޕޯޓްގެ މަސައްކަތަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، މަސައްކަތް ލަަސްވެ ދިޔައީ ކޮވިޑްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން، 2020 ވަނަ އަހަރު އެކަނިވެސް ދައުލަތުގެ އާމްދަނީ 50 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ހުއްޓުމެއްނެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. މުއްޔަށް މި ސަރުކާރުން މިއަހަރުގެ ޖޫން މަހާއި ހިސާބަށް 284 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި، އެއާޕޯޓްގެ މަސައްކަތް މިހާރު އެވަނީ 70 އިންސައްތަ ނިމިފައި ކަމަށެވެ. ރައީސް ވިދާޅުވީ، މިއަހަރު އެއާޕޯޓް ނިމޭނެ ކަމަށާއި، އެއާއެކު އެ އަތޮޅު ނާލާފުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްވެސް ފެށިގެން ދާނެކަމަށެވެ.

މުއްޔަށް އަންނަ ދައުރުގައި އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކަށް އަލި އަޅުއްވާލައްވަމުން ރައީސް އިތުރަށް ވިދާޅުވީ، އެ ރަށުގެ މަގުތައް ހަދައިދިނުމަށް ރައްޔިތުން އެދެމުން އަންނަކަމަށެވެ. އެހެންކަމުން، އަންނަ ދައުރުގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން، އެންމެ ފުރަތަމަ މަގުތައް ހަދާ ލިސްޓުގައި މުލި ހިމެނޭނެކަމަށެވެ.

2018ވަނަ އަހަރުގެ ކުރިއާ އަޅާބަލާއިރު، މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާއިރު، މުލީގެ ރައްޔިތުން އަދިވެސް ބޭނުންވަނީ އަންނަމުންދާ ތަރައްގީއާއެކު ކުރިއަށް ދިޔުމަށް ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މުލި ހިމެނޭހެން އެ އަތޮޅުގެ ބޮޑު އަޢުލަބިއްޔަތެއް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ލިބޭނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *