ކުރިއަށް އޮތް ދައުރުގައި، ވ. ފެލިދޫ ކައިރިން ޕިކްނިކް އައިލެންޑެއް ހަމަޖައްސައި، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އަމާޒުކޮށް ބޮޑު ޕްރޮޖެކްޓެއް ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ،ި މިއަދު ފެލިދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށަށް މި ދައުރުގައި ކޮށްދެވުނު ކަންތައްތަކާއި އަދި އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ފިކުރު އެއްގޮތް ނުވިނަމަވެސް، އެ ރަށުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އުމްްރާނީ ތަރައްގީ އަންނަން ޖެހޭކަން އަބަދުވެސް ގަބޫލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ބަނދަރުގެ މަސައްކަތާއި، ސްކޫލަށް ބޭނުންވާ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި، ކުޑަކުދިންގެ ޕާކަކާއި، އިންޖީނުގޭގެ މަސައްކަތްވެސް ނިމިފައިވާއިރު، ނަރުދަމާގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމުމެވެ.
ރައްޔިތުން ދެން އެންމެ އެދެނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް އައު ހޮސްޕިޓަލެއް އަޅައިދިނުމަށެވެ. އެކަމަށް އަލި އަޅުވާލައި ރައީސް ވިދަޅުވީ އެ ދެ މަސައްކަތްވެސް މިހާރު ކޮންޓްރެކްޓް ކުރެވިފައިވާކަމަށެވެ. ފެރިދޫގައި އަޅާ ހޮސްޕިޓަލަކީ ކުވެއިތު ފަންޑުން ލިބޭ އެހީގެ ދަށުން އަޅާ 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެކެވެ.
އަންނަ ދައުރުގައިވެސް އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، ރައީސް ވަނީ އެއީ ފަތުރުވެރިކަން ކުރިއެރުވޭނެ ސަރަހައްދެއްކަން ފާހަގަކުރައްވާފައެވެ. ގެސްޓްހައުސް ވިޔަފާއި މިހާރުވެސް ކޮންމެވެސް ވަރަކަށް ހިނގާއިރު، އެ ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ މިހާރު އެ ރަށް ކައިރިން ޕިކްނިކް އައިލެންޑެއް ހަމަޖައްސައި ދިނުމެވެ. ރައީސް ވިދާޅުވީ، އެ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ވާހަކަދައްކައިގެން ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މީގެއިތުރުންވެސް، މާދަމާ ބާއްވާ އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި އެ ސަރަހައްދުގެ ފަތުރުވެރިކަމާއި ގުޅޭ ބޮޑު މަޝްރޫއަކާއި ގުޅޭ ހުރިހާ ކަމެއް ނިމޭނެކަންވެސް މިއަދު ރައީސް ވަނީ އިއުލާންކުރައްވާފައެވެ. އެއާއެކު، އެ ސަރަހައްދުގައި އެއާޕޯޓެއްވެސް އަޅައިދޭނެކަމަށް ރައީސް ވަނީ މިއަދު ވައުދުވެވަޑައިގެންފައެވެ.
ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް ދެން ވަޑައިގަންނަވާނީ ތިނަދޫ އަށާއި ފުލިދޫއަށެވެ.