އެމްޑީޕީ ރޫޅާނުލެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ވ. އަތޮޅަށާއި މ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއިން ބަލިވުމަށްފަހު ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވީ ޕަޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެ ފެކްޝަނުން އެމްޑީޕީއާ ވަކިވެ 'ދަ ޑިމޮކްރެޓްސް' ނަމުގައި އައު ޕާޓީއެއް އުފައްދާފައިވާއިރު، އެ ޕާޓީއާ ރައީސް ނަޝީދު ގުޅިވަޑައިގެންނެވުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވަނީ އެމަނިކުފާނު ކުރިން އުޅުއްވި ޕާޓީ ރޫޅާލައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ބައިބައި ކޮށް ނުލެވޭނެ ކަމަށެވެ. އެމްޑީޕީގެ ތެރެއިން އަބަދުވެސް އެކިފަހަރު އެކި ބޭފުޅުން ޕާޓީއާ ފެޔަށް ޖެހިފައިވާކަމަށާއި އޭގެ ތެރޭގައި ލީޑަޝިޕްގެ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ. "އެހެންނަމަވެސް އެމްޑީޕީ އަބަދުވެސް އޮވެ އެ ވިސްނުމުގައި ކުރިއަށް ދޭ" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތުތަކާއެކު ޕާޓީ އަބަދުވެސް ކުރިއަށްދާނެ ކަމަށެވެ. އެއްވެސް މީހަކު ޕާޓީއިން ވަކިވުމަކީ ދެރައެއް ކަމަށާއި، އެކަމަކުވެސް ޕާޓީދާނީ ކުރިއަށް ކަމަށެވެ. އަދި ޕާޓީ ރޫޅާވެސް ނުލެވޭނެ ކަމަށެވެ. "އެއީ ޝައްކެއް އޮތް ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އިސްވެ އުފައްދާފައިވާ 'ދަ ޑިމޮކްރެޓްސް' ޕާޓީއަކީ ޗެލެންޖެއް ނޫންކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ. އެގޮތުން، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ކުރިއެކޭވެސް އެއްގޮތަށް އެމްޑީޕީގެ ޗެލެންޖަކަށްވާނީ ޕީޕީއެމް ކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.